ނ.ވެލިދޫ މުރަނގަ ބަތުގެ ބޮޑު ސިއްރު !
މުރަނގަ ބަތް ނުވަތަ މުރަނގަ ފަތުގެ ބަތޭ ބުނުމުން ފަހަރުގައި ބައެއް ބޭފުޅުންނަށް ޙައިރާން ކަމެއް ލިބިދާނެއެވެ. ނުވަތަ މީ އަލަށް އަޑުއެހި ވާހަކަ އަކަށް ވުންވެސް އެކަށީގެން ވެއެވެ. ނަމަވެސް ޙަގީގަތަކީ މުރަނގަ ފަތަކީ ވަރަށް މީރުކޮށް ބަތް ކައްކައިގެން އެންމެ ކުރީ ޒަމާނުއްސުރެންވެސް ކައި އުޅެމުން އަންނަ ފަތެކެވެ. އަދި މީ ޘަގާފީ ކެއުމެއްވެސް މެއެވެ. މީގެ އިތުރުން މުރަނގަފަތް އާންމުކޮށް ކައި އުޅެނީ ތެލުލައިގެންނެވެ. ނަމަވެސް މަދުން ނަމަވެސް ސަޓަނި ހަދައިގެންވެސް ކައިއުޅެއެވެ.
ރާއްޖޭގެ ގިނަ ރައްތަކަކަށް މުރަނގަބަތް އާ ނަމަވެސް މަދު ރައްތަކެއްގައި ޔަގީނުންވެސް މި ބަތް ކައްކާ އަދި ކައިއުޅެއެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއް ރަށަކީ ނ. އަތޮޅު ވެލިދޫއެވެ. އަދި މީ މިރަށަށް ޚާއްޞަ ބަތެކޭ ބުނުމަކީ އެހެން ރަށެއްގައި މިބަތް ކައްކައިގެން ނުކެއުމެންނޫނެވެ. ނަމަވެސް ވެލިދޫ މީހުން މި ބަތްކައްކައި ކައި އުޅެނީ ބަނޑު ފުރާލަން ހަމައެކަނި އެއްޗެއް ކައްކައިގެން ކާލުމުގެ އިތުރުން އެ ރަށުގެ މީހުން މި ބަތް ކައްކައި ކައި އުޅެނީ ފަހަތުގައިވާ ވަރަށް މާތް މަތިވެރި މަޤްޞަދެއްވެސް ޙާޞިލު ކުރުމުގެ ބޭނުމުގައެވެ. މީ ހަގީގަތެވެ.
އެކަމަކީ އަވައްޓެރި ކަމުގެ ގުޅުން ދެމެހެއްޓުމާއި، މަޖާކޮށްލުމާއި، މުނިފޫހި ފިލުވާލުމުގެ އިތުރުން ދޭދޭ މީހުންގެ މެދުގައި ބައެއްފަހަރު ޖެހިފައިވާ ކުދިކުދި މައްސަލަ ތަކުން ހިތަށް ލިބިފައިވާ ނުތަނަވަސް ކަން ނައްތާލާ އެކަކު އަނެކަކަށް ހިތްސާފުކޮށް އެންމެންގެ މެދުގައި ކާބަފައި އިރުއްސުރެން އޮންނަ ގާތްތިމާގެ ކަމާއި އެއްބަޑު އެއްބަފާ އަޚުވަންތަ ގުޅުން ގާއިމްކޮށް އިތުރަށް ހަރުދަނާ ކުރުމުގެ ނިޔަތުގައެވެ. މީ ފަހަރެއްގައިވެސް އެހެން ރަށެއްގެ ބަޔަކަށް ބުނާ ކުޑައިމީސް ބަހެއް ނުމެނޫންމެއެވެ.
މުރަނގަ ބަތަކީ އެބަތަކަށް ވަރަށް ޚާއްޞަ ކަންތައްތަކެއް ލިބިފައިވާ ބަތެކެވެ. ފާހަގަ ކޮށްލެވޭ އެންމެ ޚާއްޞަ އެއްކަމަކީ މިބަތް ރިހާކުރުލައިގެން ނޫނީ ނުކެވޭކަމެވެ. މި ބަތް ކައްކަން ހިތައް އެރުވުމުގެ ކުރިއަށް ރިހާކުރު ގޭގައި ހުރިތޯ ހުރީ ކިހާވަރަކަށްތޯ ބަލަން ޖެހެއެވެ. އޭގެ އިތުރުން ލޮނުމިރުހާއި ލުނބޮޔަކީ މިބަތް ކެއުމުގައި ރަހަ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ހިމަނަން ޖެހޭ އެއްޗެއެއްސެވެ. އަނެއްކަމަކީ މިބަތް ކައްކަން އެނގެނީ ދޮށީ އުމުރު ފުރައިގެ މީހުންނަށް އެކަންޏެވެ. އަދި މި ބަތުގައި ލާންވާ ޙަގީގީ މީރު ރަހަލަނީވެސް މި ދެންނެވި އުމުރު ފުރައިގެ މީހުން ކެއްކީމަކަމަށްވެއެވެ. އަނެއްކަމަކީ މިބަތަކީ ހަނޑުލުގެ ތިންގުނައަށް ފަތް ބޭނުންވާ އެއްޗެކެވެ.
މުރަނގަބަތް ކައްކާނެގޮތް
- އާންމުކޮށް ބަތް ކައްކާގޮ ގޮތަށް ބަތް ކައްކާނީ އެވެ. ތަފާތަކީ ބަތްތަވާ ކެކިގަންނަ ވަގުތު އެބަތުގެ ތެރެއަށް ކާށި ކިރު ކޮންމެވެސް ވަރަކަށް މަދުން ހުނި އަނގައިގައި ޖެހޭގޮތަށް ކިރު އަޅައިގެން ބަތް ކެއްކުމެވެ. ބަތް ކައްކާނީ ކުޑަކޮށް މަޑުކޮންނެވެ.
- ދެން މުރަނގަފަތްތަށް ނޮޅާލުމަށްފަހު ބޮޑު ތެއްޔެއްގައި ފަތަށް އެކަށީގެންވާ ވަރަށް ފެން އެޅުމަށްފަހު ފަތް އެތި ތެރެއަށް މޭޒުމަތީ ސަމުސަލެއްގެ ބިލަތް ހުނިކޮޅެއް ލާނީއެވެ. ރަނގަޅަށް ފަތްއެތި މަޑުވުމަށްފަހު އުނދުންމަތިން ބާލާ އެފަތް އެތި ހިހޫކުރުމަށް އާދައިގެ ފެން އަޅާ ހީހޫ ވުމުން ރިހާކުރު ބޮނޑި ހުންނަވަރަށް ސައިޒް ތަނކޮޅެއް ބޮޑުކޮށް ފެންތަށް ބާރަށް ފެލާލުމަށްފަހު ގުޅަވަށާނީއެވެ.
- އެއަށްފަހު ފަތް ގުޅަތަށް ތަނޑި ނެގޭގޮތަށް ކޮށާލާނީއެވެ. (ތަނޑި ނެގޭގޮތަށް ކޮށުމަކީ ފަތްގުޅަ އަތުތެރޭގައި ބާއްވައިގެން ކަށިކެޔޮފަދަ ތަކެތި ލިޔާއިރު ވަޅި ބައިންދާގޮތަށް ބައިންދައިގެން ކޮށުމެވެ. މިގޮތަށް ކޮށުމުން ވަޅީގެ ތިލަމަށްޗަށް ތަނޑިއެއް އިނިއްޔާ އަރާނެއެވެ.
- ދެން ކޮށި ފަތްތަށް ކައްކާފައި ހުރި ބަތްއެތި ތެރެއަށް އަޅާލާ ބަތާއި ފަތް އެކުވަންދެން އެއްކުރާނީއެވެ. އާންމުކޮށް ކާން ކައްކާ އާދައިގެ ބަތަށްވުރެން މިބަތް ހުންނާނީ ޗަސްކޮށް މަޑުކޮށެވެ. އަދި ގަދަ ފެހި ކުލައިގައެވެ.
- ބަތަށްވުރެން ގިނައިން ފަތް ހުރުމަކީ ބަތްގަނޑު މީރުވާނެ ސަބަބެކެވެ. ކާ މީހުންގެ ނިސްބަތަކުން ބަތާއި ފަތް މަދުކޮށް ގިނަ ކުރެވޭނެއެވެ.
މުރަނގަ ފަތުން ލިބޭ ފައިދާތަށް
މުރަނގަ ފަތުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އެގޮތުން މުރަނގަ ފަތަކީ ނިއުޓްރިޝަން ވެލިއުގެ ގޮތުން ކެރެޓް، އޮރެންޖް އަދި ކިރަށް ވުރެ ވެސް މަތީގައިވާ އެއްޗެކެވެ. މިފަތަށް އިތުރު ގޮތެއް ނުހަދާ ރޯކޮށް ކެއުމުން ހަށިގަނޑަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާ ކަމަށް ދިރާސާ ތަކުން ދައްކަ އެވެ.
މީގެ އިތުރުން މި ފަތަކީ ގުދުރަތީ ގޮތުން އެންޓި އިންފްލެމެޓަރީ ފަތެކެވެ. ހަކުރު ދަށް ކުރުމާއި، ކޮލޮސްޓްރޯލް ދަށްކުރުމާއި އެކު ކެންސަރުބަލިން ރައްކާތެރި ކޮށްދިނުމަށް މިފަތުން އެހީ ވެދެއެވެ. މުރަނގަ ފަތުގައި އެންޓި އޮކްސިޑެންޓް ހިމެނޭތީ، ޓައިޕް ޓޫ ޑައިބެޓިކްސްއާ، އަލްޒައިމާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރި ވެދެއެވެ. ހަމަ އެއާއި އެކު އިސްތަށި ގަނޑަށާއި ގައިގެ ހަންގަނޑަށް ފައިދާ ވުމުގެ އިތުރުން ބަރުދަންވެސް ލުކޮށްދެއެވެ. ދުވާލެއްގެ މައްޗަށް މީހެއްގެ ހަށިގަނޑަށް ޕްރޮޓީންގެ 17.5 އިންސައްތައަށް ބޭނުންވެއެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 9.8 ގްރާމްގެ ޕްރޮޓީން ހުރެއެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 9.8 ގްރާމްގެ ޕްރޮޓީން ހުރެއެވެ. މީގެ އިތުރުންވެސް މުރަނގަ ފަތުގައި ވިޓަމިން ބީ ގެ ތަފާތު ވައްތަރުތައް ކަމުގައިވާ ފޯލިކް އެސިޑް، ޕައިރިޑޮކްސިން، ނިއެސިން، ތިއެމިން އަދި ރައިބޯފްލެވިން މީގެ އިތުރުން ޕެންތޮނިކް އެސިޑް އެކަށީގެންވާ މިންވަރަކަށް ހުރެއެވެ.
މުރަނގަ ފަތުންލިބޭ ވިޓަމިންށް ބަލާލާއިރު ވިޓަމިން ކޭ، ޑީ، އަދި އީ ހިމެނެއެވެ. އަދި މުރަނގަ ފަތުގައި ކެލްސިއަމް، ދަގަނޑު، ކޮޕަރ، މެންގަނީޒް، މެގްނީޒިއަމް، ޒިންކު، އަދި ސިލެނިއަމް އެކަށޭނަ މިންވަރަކަށް ހުރެއެވެ. ދޮންކެޔޮ ވަކަކަށް ވުރެ ތިން ގުނަ އިތުރަށް ޕޮޓޭސިއަމް އެކުލެވޭ އެ ފަތް ކެއުމުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކުން ދުރުކޮށްދެއެވެ.
މިނޫނަސް ތަފާތު ގިނަގުނަ އެތައް އެތަށް ފައިދާ ތަކެއް މުރަނގަފަތުން އިންސާނާގެ ހަށިގަނޑަށް ލިއްބައި ދެއެވެ.