ނަތީޖާ ދައްކަނީ އަމަލުން، އިމިގްރޭޝަން ހަގީގަތުގައިވެސް ހިންގަން ފަށާފި ކަމުގެ އިހުސާސް ކުރެވި ދިވެހިން ހިތްހަމަ ޖެހިއްޖެ!
ވެރިކަން ބަދަލުވެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިޒު އައު އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްޢާން ވަހީދު އެ މަގާމަށް އައްޔަނު ކުރުމާއެކު ދިވެހިންނަށް ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ ޒަމާންވީ މި މައްސަލަ ކޮޅެއްގައި ޖައްސާނެކަމެވެ. އެ ދުވަހު ބައެއް ފަރާތްތަކުން ޖަހާލީ ހިނިގަނޑެކެވެ. މިއީ ހަގީގަތިގައިވެސް ކުރެވިދާނެ ކަމެއްކަން ގަބޫލު ކުރީ މަދު ބައެކެވެ. ކަން ވާނީ ވެސް އެހެންތާއެވެ. 2000ގެ ކުރީކޮޅުންފެށިގެން މިއަދާހަމައަށް 24 އަހަރަށް ވުރެއް ގިނަދުވަސް ވީއިރު އެއްވެސް ސަރުކާރެއްގައި މިކަން ބަލާނެ އުސޫލުތަށް ކަނޑައެޅިފައި ވީނަމަވެސް އަމަލީ ސިފަ އާއި ކުލަ ޖެއްސޭނެވަރުގެ ކެރުންތެރިކަން ހުރި ވެރިއެއް ވެރިކަމުގައިވެސް އަދި މުއައްސަސާތަކުއިވެސް ހަވާލުވެފައި ނުވުމީ އާންމުނަށް އެކަން ގަބޫލު ކުރަން ދަތިވި އެއް ސަބަބެވެ.
ދުރާލާ ސްޓްރެޓެޖީތަކެއް އެކުލަވާލާ ޕްލޭން ކުރެވިގެން ވޭތުވެ ދިޔަ ހަފްތާއިން ފެށިގެން އަންނަނީ ވަރުގަދަ ރެއިޑްތަށް ހިންގަމުންނެވެ. ހަގީގަތުގައިވެސް ރާއްޖޭގެ އެންމެ މުހިންމު އެއް މުއައްސަސާ ހިންގަން ފަށާފި ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވިއްޖެއެވެ. ވޭތުވެ ދިޔަ 10ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ވަރުގަދަ އިމިގްރޭޝަން ރެއިޑްގައި 1800އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮއްލާފައެވެ. މީގެ އިތުރުން ބިދޭސީންނަށް އަމިއްލައަށް ވިޔަފާރި ނުކުރެވޭނެ ދާއިރާތަށް ކަނޑައަޅާފައިވެއެވެ.
ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި މިއީ ބޮޑު ނެޓްވޯކެއް، ވޭތުވެ ދިޔަ ސަރުކާރުތަކުގައި އެންމެ މަތީ ފަޑިން ފެށިގެން އެކި ލެވެލްތަކުގައި ބިދޭސީން އެކި މަސައްކަތް ކުރުމެގެ ނަމުގައި ގެނެސް މިލިއަނުން ފައިދާ ނަގަމުން އަންނަ ވިޔަފާރިއެކެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ ބިދޭސީންގެ މައްސަލާގައި ހައްލެއްލިބިފައި ނުވުމެވެ. އެހެނަސް މިއަދު މަންޒަރު މުޅިން ތަފާތުވެއްޖެކަން އަމަލުން ފެންނަށް ފަށާފިއެވެ. ދިވެހިންގެ މޫނު މަތިން ހިތްހަމަ ޖެހުން ފެންނަން ފަށާފިއެވެ.
ރާއްޖޭގެ ވިޔަފާރި މާކެޓްގައި ބިދޭސީން އަންނަނީ ބޮޑު އިންސައްތައަކުން ކޮންޓްރޯލް ކުރަމުންނެވެ. ނަތީޖާއަކަށް ވަނީ ރާއްޖޭގައި ޑޮލަރު ނުހިފޭއްޓުމާއި ވަޒީފާގެ މައިދާނުގައި ދިވެހިންނަށް ހުރި ފުރުސަތުތަށް ހަނިވުމާއި އަދި އެކި އެކި ނުރައްކާތެރި ޑްރަގު ވިޔަފާރިއާއި ކުށް ކުރާ މިންވަރު އުތުރުވެގެން ދިއުމެވެ. އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްޢާން ވަހީދު ވިދާޅުވާގޮތުގައި ރިސޯސްތަށް ލިމިޓްވުމާއެކު ބައެއް ގޮންޖެހުންތަށް އެބަހުއްޓެވެ. އެހެނަސް ފަހަތަށް ޖެހުމެއް ނެތެވެ. މިކަން މިފަހަރު ކޮޅެއްގައި ޖައްސާނެއެވެ. މިއީ ކުރަން ހަގީގަތުގައި މާ ލަސްވެސް ވެއްޖެކަމެކެވެ.