އިސްލާމީ ތާރީޚް ދުށް އެންމެ ވަރުގަދަ އެއް އަސްކަރީ ކޮމާންޑަރު
"ތިޔަބައި މީހުން ދިރިހުރުމަށް ފުރާނަދެކެ ލޯބިވާ ފަދައިން ތިމަންކަލޭގެފާނުގެ ފަހަތްޕުޅުގައި ތިއްބެވީ މަރުދެކެ ލޯބިވާ ބޭކަލުންނެވެ." މިއީ ހަނގުރާމަ ފާރިސީންނާއި ދެކޮޅަށް ފެއްޓެވުމުގެ ކުރިން އެކަލޭގެފާނު ފޮނުއްވި ސިޓީގައިވާ މަޝްހޫރު ބަސްކޮޅެކެވެ. އެކަލޭގެފާނަކީ 100އަށް ވުރެ ގިނަ ހަނގުރާމަ ކުރެއްވި ބޭކަލެކެވެ. އަދި ކޮންމެ ހަނގުރާމައެއްގައި ބޭނުން ކުރަށްވާ އުކުޅުތަކާއި ސްޓްރެޓަޖީތައް ވެގެން ދަޔައީ ކޮންމެ ފަހަރަކުވެސް ދުޝްމިނުން ހައިރާންކުރުވަނިވި ކަމަކަށެވެ. އަދި ކޮންމެ ހަނގުރާމައެއްގައި ކުރިން ބޭނުން ކުރެއްވި ސްޓްރެޓަޖީ ތަކުރާރު ނުކުރަށްވައެވެ. އެކަލޭގެފާނަކީ އެއް ހަނގުރާމައެއްގައި 9 ކަނޑިކޮޅު ބިންދާލެއްވި ބެކަލެކެވެ. މިއަދުވެސް ދުނިޔޭގެ ވަރުގަދަ އަސްކަރީ ކޮލެޖް ތަކުގައި އެކަލޭގެފާނުގެ ހަޔާތްޕުޅާއި މިލިޓަރީ ސްޓްރެޓެޖީތަށް ދިރާސާކޮށް ކިޔަވާދެއެވެ. އެކަލޭގެފާނު ބޭނުންކުރެއްވި އާދަޔާ ޚިލާފު މޮޅު އުކުޅުތަކަކީ މިއަދުވެސް އަސްކަރީ ވަރުގަދަ ސްޓްރެޓެޖީތަކުގެ އެންމެ ފުންމިނެވެ. އެކަލޭގެފާނުގެ ނަންފުޅަކީ ޚާލިދު ބުނު ވަލީދްއެވެ.
ސައިފުﷲ ނުވަތަ ﷲ ގެ ކަނޑިކޮޅުގެ ނަމުން މަޝްހޫރު ވެފައިވާ ޚާލިދު ބުނު ވަލީދުގެ ފުރިހަމަ ނަންފުޅަކީ އަބޫ ސުލައިމާން ޚަލީދު އިބްނު އަލްވަލީދު އިބްނު އަލްމުޣީރާ އަލްމަޚްޒީމީ އެވެ. އުފަންވެ ވަޑައިގަތީ މީލާދީން 592 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ މައްކާ ގައެވެ. އެކަލޭގެ ފާނުންގެ ބައްޕާ ފުޅަކީ ވަލީދު އިބްނުލް މުޣީރާއެވެ. މަންމާ ފުޅަކީ ލުބާބާ އައްސުޣުރާ އެވެ. އަވަހާރަވެ ވަޑައިގެންފައިވަނީ އުމުރުން 50 އަހަރު ފުޅުގައި ސީރިއާ ގައެވެ. އެކަލޭގެފާނަކީ ގުރައިޝުންގެ ޤަބީލާއަށް ނިޞްބަތްވާ ބޭކަލެކެވެ.
ޚާލިދު ބުނު އަލްވަލީދު އިސްލާމްވެ ވަޑައިގަތުމުގެ ކުރިންވެސް އެކަލޭގެފާނުން ފާހަގަކުރެވުނީ ހިތްވަރުގަދަ އަދި ހުނަރުވެރި ހަނގުރާމަވެރިއެއްގެ ގޮތުގައެވެ. ޚާލިދު އިބްނު އަލްވަލީދު ގެ ކެރިއަރ ފެއްޓެވީ އިސްލާމްދީނާ ދެކޮޅު ޤުރައިޝުންގެ ލަޝްކަރުތަކުގެ ލީޑަރެއްގެ ގޮތުގައެވެ. ޤުރައިޝުންގެ ފަރާތްޕުޅުން މުޙައްމަދު (ޞޢވ) އާ ދެކޮޅަށް ކެމްޕެއިންތަކުގައި އެންމެ ފުރަތަމަ އިސްކޮށް ހުންނެވީވެސް އެކަލޭގެފާނެވެ. ނަމަވެސް ނަސީބުގެ އެހެން ރޭވުންތަކެއް އޮތުމުން ހިޖުރައިން 8 ވަނަ އަހަރު އެކަލޭގެފާނުން އިސްލާމްވެ ވަޑައިގެންނެވިކަން އިޢުލާން ކުރެއްވުމުން އެކަލޭގެފާނުންގެ ޙަޔާތްޕުޅަށް ބޮޑު ބަދަލެއް އައެވެ. އެގޮތުން އިސްލާމްވެ ވަޑައިގަތުމަށްފަހު، ޢުމުރުފުޅުގެ ބާކީ ބައި ހޭދަކުރެއްވީ މުޙައްމަދު (ޞޢވ) އާއި އިސްލާމީ އުއްމަތުގެ 4 ޚަލީފާއިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޚަލީފާ އަބޫބަކުރުއް ޞިއްދީގާއި ޚަލީފާ ޢުމަރު ބުނުލްޚައްޠޯބަށް ޚިދުމަތް ކޮށްދެއްވުމުގައެވެ. ޚާލިދު އިބްނުލް ވަލީދަކީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) ގެ އެންމެ މާތް ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި އިސްލާމީ ތާރީޚުގެ މަޝްހޫރު އަސްކަރީ ކޮމާންޑަރެކެވެ. އެންމެ ފުރަތަމަ އިސްލާމްދީނާއި ދެކޮޅު ނަމަވެސް އެކަލޭގެފާނުންގެ ދިރިއުޅުއްވުން ބަދަލުވެގެން ދިޔައީ އެކަލޭގެފާނުން އިސްލާމްދީން ޤަބޫލުފުޅު ކުރެއްވެވި ހިސާބުންނެވެ. އެގޮތުން އެކަލޭގެފާނުންގެ ބުއްދިއަށާއި ކަންކަމުގައި ދެކެލައްވާ ގޮތާއި ޤަބޫލުކުރެއްވުންތަކަށް އައި ބޮޑު ބަދަލު ކީރިތި މާތް ރަސޫލާ ދެނެވަޑައިގަންނަވައެވެ.
ޚާލިދު އިބްނުލް ވަލީދު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި އޮތް ގާތްގުޅުމަށް ބަލާލާއިރު އެކަލޭގެފާނަކީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) އާއި ޚާއްޞަ ގުޅުމެއް ބާއްވަވާ ބޭކަލެކެވެ. އެގޮތުން ޚާލިދު އިބްނުލް ވަލީދަކީ ރަސޫލާގެ ވަރަށް ޢިއްޒަތްތެރި ކޮމާންޑަރެއްގެ އިތުރުން ތަފާތު އަސްކަރީ ކެމްޕެއިންތަކުގައި ބައިވެރިވެވަޑައިގެން، އެންމެ ފާހަގަކޮށްލެވޭ އެއް ޞަޙާބީންގެ ހައިސިއްޔަތުން އެކަލޭގެފާނުގެ މަޤާމު ހަރުދަނާކުރެއްވި ބޭކަލެކެވެ. ބައެއް ޚިޔާލު ތަފާތުވުންބޮޑު ސްޓްރެޓެޖިކް ނިންމުންތަކާއެކުވެސް ރަސޫލާ މުޙައްމަދު (ޞޢވ) އަބަދުވެސް އެކަލޭގެފާނާ މުހިންމު މަސައްކަތްޕުޅުތަކެއް ޙަވާލުކުރެއްވިއެވެ. އިސްލާމް ދީނުގެ ދުޝްމަނެއްގެ ގޮތުގައި ޚާލިދު އިބުނުލް ވަލީދުގެ މާޒީއެއް އޮތް ނަމަވެސް ރަސޫލާ ދެއްކެވީ ވިސްނުންތެރިކަމާއި އޯގާތެރިކަމެވެ. ޚާލިދުގެ ތައުބާ ޤަބޫލުކުރެއްވުމުގެ އިތުރުން އިސްލާމް ދީން ފެތުރުމުގައި ވެސް މުހިންމު މަސްއޫލިއްޔަތުތަކެއް ޙަވާލު ކުރެއްވެވިއެވެ.
ހަނގުރާމަ ތަކާއި އިސްލާމީ ބައެއް ކާމިޔާބީ ތަކުގައި ޚާލިދު ބުނު ވަލީދުގެ ދައުރަށް ބަލާލާއިރު ހިޖްރައިން 8ވަނަ އަހަރުގެ ޖުމާދަލް އޫލާ މަހުގައި ކުރެވުނު ޣަޒްވަތު މުއުތާ ( މުއުތާ ހަނގުރާމަ) ހަނގުރާމައަކީ މިއީ އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތުމަށްފަހު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ހަނގުރާމައެވެ. މުއުތާއަކީ މިހާރުގެ އުރްދުންގެ ދެކުނު ސަރަޙައްދުގެ ރަށެކެވެ.
މުއުތާ ހަނގުރާމައަށް އިސްކުރެއްވި ތިން ކޮމާންޑަރުން ޝަހީދުވެ ވަޑައިގަތުމުން ލަޝްކަރުގެ ދިދަ ޚާލިދު ބުނުލް ވަލީދާ ޙަވާލު ކުރެއްވިއެވެ. އެހިނދު ރަސޫލުﷲގެފާނު މަދީނާގައި މިސްކިތުގައި އިންނަވާފައި ވިދާޅުވިއެވެ. [أخذَ الرّايةَ سيفٌ من سيوفِ اللَّهِ خالدُ بنُ الوليدِ] - ([ﷲގެ ކަނޑިކޮޅުތަކުން ކަނޑިކޮޅެއް ކަމުގައިވާ ޚާލިދު ބުނުލް ވަލީދު ދިދައިގައި ހިއްޕަވައިފިއެވެ. (أخرجه أحمد (١٧٥٠)، والنسائي في «السنن الكبرى» (٨٦٠٤)
ޚާލިދު ބުނު ވަލީދު މުސްލިމުންގެ ލަޝްކަރު އަލުން އެކުލަވާލާ އެ ދުވަހުގެ އިރު އޮއްސުމާއި ހަމައަށް ވަރަށް ސާބިތު ކަމާއި އެކު ހަނގުރާމަ ކުރެއްވިއެވެ. ޚަލިދުގެފާނުން ވިދާޅުވާގޮތުން އެދުވަހު އެކަލޭގެފާނުންގެ އަތްޕުޅުން 9 ކަނޑިކޮޅު ބިންދައިގެން ދިޔައެވެ. އެއަށްފަހު އެކަލޭގެފާނުގެ އަތްޕުޅުގައި ހަނގުރާމަ ކުރައްވަން އޮތީ ހަމައެކަނި ޖަސްތުފޮއްޗެއް ކަމަށް ވެއެވެ. އެކަލޭގެފާނު މުސްލިމުންގެ ލަޝްކަރު ސަލާމަތް ކުރެއްވުމަށް ޓަކައި ވަރަށް މޮޅު އިސްތިރާތީޖީއެއް ރޭއްވެވިއެވެ. މި ހަނގުރާމައިގައި ކާފިރުންގެ ޢަދަދު ގިނަ ނަމަވެސް ހަނގުރާމައިގައި މުސްލިމުންގެ ތެރެއިން ޝަހީދުވެފައިވަނީ އެންމެ 12 މީހުންނެވެ. ކާފިރުންގެ ތެރެއިން 3350 މީހުން މަރުވިއެވެ.
އެކަލޭގެފާނުންގެ ޒަމާނުގައި އިސްލާމް ދީނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޚައިބަރު ހަނގުރާމައިގައި ލިބުނު ކާމިޔާބއެވެ .ޚައިބަރުގައި ހުރި ޔަހޫދީ ކިއްލާތައް ފަތަޙަކުރުމުގައި ލިބުނު ކާމިޔާބީއަކީ އަސްކަރީ ވަރުގަދަ ސްޓްރެޓެޖީގެ އެންމެ ފުންމިނެވެ.
އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ހިނދުކޮޅަކީ ހިޖުރައިން 8 ވަނަ އަހަރު ރަމަޟާން މަހުގެ 20 ވަނަ ދުވަހު ހިގާދިޔަ މައްކާ ފަތަޙަކުރުމެވެ. ޚާލިދު އިބްނުލް ވަލީދު ވަނީ މި ކާމިޔާބީގައި މައިގަނޑު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން މައްކާ ފަތަޙަ ކުރެއްވުމުގައި މުސްލިމުންގެ ލަޝްކަރުގެ ކަނާތްފަރާތު އަރިމައްޗަށް ކީރި މާތް ނަބިއްޔާ ލެއްވެވީ ޚާލިދު ބުނު ވަލީދެވެ
ޚާލިދު ބުނު ވަލީދު ރަޟިޔައްﷲ އަންހު އެކަލޭގެފާނުންގެ އަރިއަހުގައިވާ މުސްލިމުންނާއި އެކު މައްކާއަށް ވަދެވަޑައިގެންނެވުނީ ކޮންމެވެސް ވަރެއްގެ ލޭ އޮހޮރުވުމަކާއި އެކު ގައެވެ. މި ކަމުގެ ތެރޭގައި އަރިއަހުގައި ތިއްބެވި 3 ބޭކަލަކު ޝަހީދު ވިއެވެ. އަދި މުޝްރިކުންގެ ތެރެއިން 12 މީހަކު ޤަތުލުވިއެވެ. މައްކާ ފަތަޙަ ކުރެއްވުމަށްފަހު ނަޚްލާގައިވާ އަލްޢުއްޒާއޭ ކިޔުނު ބުދު މުގުރާލުމަށްޓަކައި ކާލިދުގެފާނުން އެތަނަށް ފޮނުއްވެވިއެވެ. 30 އަސްވާރުނާއި އެކު އެތަނަށް ވަދެ އެބުދު ތަޅާ ސުންނާފަތި ކޮށްލެއްވެވިއެވެ.
ޚާލިދު އިބްނުލް ވަލީދުގެ އިޚްލާޞްތެރި ތައުބާވުމަކީ އިންސާނާގެ ދިރިއުޅުން ބަދަލުކޮށްލެވިދާނެ ކަމުގެ ވަރަށް ބޮޑު މިސާލެކެވެ. އިސްލާމްދީނާ އެންމެ ފުރަތަމަ ދެކޮޅު ހެއްދެވި ނަމަވެސް، އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމަކީ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމު ދަނޑިވަޅެއްކަން ދައްކުވައިދެނީ، އެމީހެއްގެ ކުރީގެ ޢަމަލުތަކުގެ ސީރިއަސްކަން ކިތަންމެ ބޮޑުނަމަވެސް، މިންޖުވުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެކަމާއި، الله ތަޢާލާއާއި ގާތް ގުޅުމެއް އޮންނަކަމެވެ.
އިސްލާމް ދީން ޤަބޫލުކުރެއްވުމަށްފަހު ޚާލިދު އިބްނުލްވަލީދު ވަނީ އިސްލާމް ދީނުގެ ޢިލްމުތަކަށް ނުހަނު އިސްކަން ދެއްވާފައެވެ. އެކަލޭގެފާނުގެ ހިތްވަރާއި ސާބިތުކަން މުސްލިމުންނަށް ހިތްވަރު ދެނީ އިމްތިޙާނުތަކާއި ގޮންޖެހުންތަކުގެ ތެރޭގައިވެސް އެބައެއްގެ ޢަޤީދާގައި ސާބިތުވެ ތިބުމަށެވެ.